ނަދީމާ (އަސްލުނަމެއް ނޫން) އޯލެވެލް ނިންމާލުމަށްފަހު މާލެ ދިޔައީ އިތުރަށް ކިޔަވާށެވެ. އަމިއްލަ މަދަރުސާގެ ގުރޭޑް 11 އަށް ވަދެ ތަޢުލީމު ޙާސިލުކުރަންފެށީ ވަރަށް ފޮނި އުއްމީދުތަކަކާއެކުގައެވެ. ނަމަވެސް ދިމާވި ދަތިތަކަކާއި ހުރަސްތަކެއްގެ ސަބަބުން އެއަހަރުގެ މެދަކާ ހިސާބުން ކިޔެވުމާއި ދުރަންދާން ޖެހުނެވެ.
އެކަހަލަ މިކަހަލަ ގޮތަކަށް ދެއަހަރު ދުވަސް ހޭދަކުރުމަށްފަހު ނަދީމާ ރަށަށް އައިސް ރަށުގައި ދިރިއުޅެން ފެށިއެވެ. 2012 ވަނައަހަރު ވޭޖްއިމްޕްލޮމްންޓިގެ ދަށުން މުވައްޒަފުން ބޭނުންވެގެން ކުރި އިޢުލާނަށް ނަދީމާވެސް ކުރިމަތިލީ ލޮލުންބޮލުން އެކަމަށް އެދިގެންނެވެ. އަމާބުނީތީ ފަރަށްދާ އުސޫލަކުންނޫނެވެ. ވަޒީފާ ލިބޭނެކަމުގެ ފޮނި އުއްމީދާވެސް އެކުގައެވެ. އުފަން ރަށަށް ޚިދުމަތެއް ކޮށްދިނުމުގެ މާތްމަޤްޞަދުގައެވެ.
އިޢުލާންށް މުއްދަތު ހަމަވެގެން މުވައްޒަފުން ނެގިއިރު އެމުވައްޒަފުންގެ ތެރޭގައި ނަދީމާ ހިމެނުމަކީ އޭނާ ދެކެމުންއައި ހުވަފެންތަކުގައި ކުލަޖެހުންފަދަ ކަމަކަށެވެ. ވަރަށް ހީވާގިކަމާއި ޙަރަކާތްތެރިކަމާއެކު ވަޒީފާގައި ކުރިއަށްދެއެވެ. ތަފާތު ޙަރަކާތްތަކުގައި ރެއާއި ދުވާލު ވަރުބަލިކަމެއް، ފޫހިކަމެއްނެތި ޙަރަކާތްތެރިވަމުންދެއެވެ. މިފަދަ ގޮތެއްގައި އުޅެއުޅެހުއްޓާ ލިބުނު ޚަބަރަކީ ލޮލުން ލޭކަރުނަ އޮހަރާލާފަދަ ޚަބަރެކެވެ. އެއީ ސިވިލްސާވިސްގެ ޤަވާޢިދަށް އައި އިސްލާޙަކާއި ގުޅިގެން ވަޒީފާގެ މުއްދަތު ތިންމަސް ދުވަހުން ހަމަވާކަމުގެ ޚަބަރެވެ. ވަޒީފާ ބޭނުންކަމަށްވާނަމަ އަލުން ކުރިމަތިލާންޖެހޭކަމުގެ ޚަބަރެވެ. މިޚަބަރަކީ މަދީމާއާއި އޭނާއާއެކު ވަޒީފާއަށް ކުރިމަތިލައިގެން ހޮވިފައިތިބި އެކުވެރިންނަށް ވަރަށް ހިތްދަތި ޚަބަރަކަށް ވިއެވެ.
އަނެއްކާވެސް އާއުއްމީދަކާއެކު ނަދީމާމެންގެ ޓީމު ވަޒީފާއަށް ކުރިމަތިލާ ކާމިޔާބުކޮށްފިއެވެ. މިފަހަރު ހުސްވެފައި އެހެން މަޤާމެއް އޮތުމުގެ ސަބަބުން މިޓީމަށް އެއްމެންބަރަކު އިތުރުވެއްޖެއެވެ. މިފަހަރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ނަދީމާއާއި އޭނާގެ ޓީމުން ނިންމީ ޕާޓީއެއް ބާއްވާށެވެ. މިޕާޓީއަކީ ނަދީމާމެން މަސައްކަތްކުރާ އޮފީހުގެ މުވައްޒަފުންނަށްދޭ ޕާޓީއެކެވެ.
ޕާޓީ ބާއްވަން ކަނޑައަޅާފައިވާ ދުވަސް އައުމުގެ ކުރިން ވަރަށް ފޯރިއާއެކު ތައްޔާރުވާން ފަށައިފިއެވެ. ބޭނުންވާ ތަކެތީގެ ލިސްޓްހަދާ ދަޢުވަތުކާޑު ތައްޔާރުކުރެވެމުންދެއެވެ. ޕާޓީ ބާއްވާ ދުވަސް އައުމުން ކެއްކުމުގެ މަސައްކަތުގައި ނަދީމާގެ ގުރޫޕާއި އެކުވެރިން އަދި ބައެއް ހަރުމީހުންވެސް ޙަރަކާތްތެރިވަމުންދެއެވެ. ނަދީމާވެސް ވަރަށް އަވަދިނެތި މަސައްކަތުގައި އުޅެމުންދެއެވެ. ތަފާތުވައްތަރުގެ ތަކެތިހޯދާ މަސައްކަތަށް އަތްގާތްކޮށްދިނުމުގައެވެ. މިފަދަގޮތަކަށް މަސައްކަތުގައި އުޅެއުޅެ ހުއްޓާ އަދި ބައެއްތަކެތި ނުހޯދޭކަން އެނގިއްޖެއެވެ.
ނަދީމާއާއި އޭނާގެ އެކުވެރިއަކާއި ދެމީހުން އަވަހަށް މިސްރާބުޖެހީ ރަށުގެ ފިހާރަތަކާއި ދިމާއަށެވެ. ބޭނުމަކީ ޕާޓީއަށް ބޭނުންވާ ޕިރިނީ ގަތުމެވެ. ފިހާރައަކަށްފަހު ފިހާރައަކަށް ވަންނަމުންދެއެވެ. އެއްވެސް ފިހާރައަކަށް ޕިރިނީ ގެނެހެއްނެތެވެ. ބައެއް ފިހާރައިގެ ސޭޓުން ޕިރިނީއެއް ނެތޭ މިހިރީ ރަވާއޭ ބުނެއެވެ. އަނެއްބައި ސޭޓުން ސޫޖީ ކައްކާ ރަވާ އެބަހުއްޓޭ ކިޔާފައި ދައްކަނީ ސަފާ ދަޅުތަކެކެވެ. ނަމަވެސް ނަދީމާ ބޭނުންވެގެން މިއުޅެނީ ރަވާއެއް، ނުވަތަ ސަފާދަޅެއްވެސް ނޫނެވެ. އަދި މިއުޅެނީ ސޫޖީ ކައްކާކަށެއްވެސް ނޫނެވެ. ބޭނުންވެގެން މިއުޅެނީ ޕިރިނީވިއްޔާއެވެ. ނަދީމާ ކުޑަކޮށް ހިތްހަމަނުޖެހި ހުރެ ޕިރިނީ ގަންނަން މުޅިރަށް ކުޑައަށްލާފައި އަނެއްކާވެސް އެހެން ފިހާރައަކަށް ވަދެއްޖެއެވެ.
ސޭޓޫ. ޕިރިނީ އެބަހުރިތަ؟ ނަދީމާ ސުވާލުކޮށްލިއެވެ. އެވަގުތަކީ ސޭޓުގެ އިތުރުން ސޭޓުގެ އަންހެނުންވެސް ފިހާރަތެރޭގައި އުޅޭ ވަގުތެކެވެ. މިދެކުދިން ޕިރިނީ ހޯދަން ވާހަކަދައްކާ އަޑު އިވިގެން ސޭޓުގެ އަންހެނުންގާތަށް އައީ އަމަށަކު ހިންޏެއްނޫނެވެ. އެވަގުތު ސޭޓުވެސް އެކުދިންނާ ދިމާއަށް އެބަބުނެއެވެ. ބަލަ މިހާރު ޕިރިނީ ކައްކަން މަސައްކަތަށް ގަންނަން ހިންގަން ފެށީދޯއެވެ. މިކުދިންނަށް މިކަމުގައި ނުބައެއް އުޅޭކަން ރޭކާލީވެސް މިހާހިސާބުންނެވެ. ޕިރިނީއަކީ ހަނޑުލުފުށުގައި ނުވަތަ ރަވާގައި ކައްކާ ފޮނިކާއެއްޗެކެވެ. އާންމުކޮށް މިރަށުމީހުން ޕިރިނީ ކައްކަނީ ރަވާގައިކަމަށް ބުނުމުން ގަންނާކުރައްވާ ލަދުން ރަވާދަޅެއް ( އަތްނުލާން އުޅުނު ސަފާ ދަޅެއް ) ހިފައިގެން ބޯޖެހިތާ ނަގޫޖަހާފައޭ ބުނާއުސޫލުން ފިހާރަތެރެއިން ނުކުތީ އެކަން އެއްވެސް މީހަކަށް ނޭންގުމަށް ޢަޒުމުކަނޑައަޅައިގެންނެވެ.