
އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ބަލާލަން ކޮންމެ ދުވަހަކުވެސް ސާރާ ރަށު ތުނޑިއަށް ދެއެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އޭނާ މަޑުމަޑު ހިނގުމެއްގައި ގޮސް އެ އިށީނީ އޭނާ ކޮންމެ ދުވަހަކުވެސް ގޮސް އިންނަ ކުރެދިގަސްދަށުގައި އޮތް ބޮޑު ގާ މަތީގައެވެ. އެއީ މީގެ އެތަކެއް އަހަރުތަކެއް ކުރީގެ ހަނދާންތަކެއް ގުޅިފައިވާ ގަލެކެވެ. އެ ތޫފާނީރޭގެ ހަނދާންތައް އޭނާގެ ހިތުގައި ބިންވަޅުނެގިފައިވަނީ ހަމަދެންމެ ހިނގިކަމެއްހެންނެވެ.
އާއެކެވެ! އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލުވައިލައެވެ. ގައިން ހީބިހި ނަގައިގެންދެއެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައިވެސް ދިމާވި އެންމެ ހިތްދަތި ހަނދާނުން ފިލުވައިލަންދަތި ހާދިސާއެވެ. އެމީހުން ދަތުރަށް ފުރީ އިރުއޮއްސި ހައެއްޖެހި ފަހުންނެވެ. އޭރު އުޑު މައްޗަކު އެންމެ ވިލާކޮޅެއްވެސް ފެންނާކަށްނެތެވެ. ވައިނުޖެހޭތީ ކަންނޭގެއެވެ. ކަނޑުވެސް ވަރަށް މަޑެވެ. ދަތުރައް ފުރީ ވަރަށްވެސް ހިތްހަމަޖެހިގެންނެވެ. ބިރުވެރިކަމެއްގެ ޚިޔާލު އެއްވެސް މީހަކު ނުކުރެއެވެ.
އިރުކޮޅެއް ނުވަނީސް ވައިގަދަވާން ފަށައިފިއެވެ. އުޑުމަތި ބަނަވެ ރާޅުތައް ބިޔަވާން ފަށައިފިއެވެ. ރުޅިއައިސްފައިވާ ރާޅުތައް އެއްވެސް ރަޙުމެއްނެތި ދޯނީގެ އަނެއް ފަރާތައް ބިންދަންފަށައިފިއެވެ. ދޮރުފަތް ތަކުގެ ބިއްލޫރިތައްވެސް ތެޅެން ފަށައިފިއެވެ. ދޯނި ހީވަނީ މާސިންގާ ކަނޑުގައި އޮޔާދާ ކުނިކޮޅެއް ހެނެވެ.
އުމުރުން އެންމެ ދިހަ އަހަރުގެ ސާރާ އޮތީ މަންމަގެ އުނގުތެރޭގައި ބޮޑިވެފައެވެ. ބިރުން ތުރުތުރުލާ ހާލުގައި ރޮއެލަރޮއެލައެވެ. ދޯނީގައި ތިބި ދިހަމީހުންގެ ތެރެއިން ކައްޕިއާއި ފަޅުވެރިކުއްޖާ ފިޔަވައި ދެން ތިބީ ހައްތަހާވެސް ސާރާގެ އާއިލާގެ މީހުންނެވެ. ބައެއްމީހުން ރޮއި އިރު އަނެއްބައިމީހުން ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔާލަކިޔާލާ ތިބީ ކެތްތެރިކަމާއިއެކުގައެވެ.
އިރުކޮޅެއްފަހުން ނެގި ބިޔަ ރާޅަކާއިއެކު ދޯނި ވަރަށް ބާރަށް ހަލުވައިލިއެވެ. ސާރާގެ މަންމަ ހުރީ ވަރުބަލިވެފައިކަމުން އޭނާގެ އަތުން ވީއްލިގެންގޮސް ސާރާ ވެއްޓުނީ މާސިންގާ ކަނޑަށެވެ. ދެންވީ ގޮތެއް ސާރާއަކަށް ނޭގުނެވެ.
ސާރާ ހޭ އެރިއިރު އޭނާ އޮތީ ކުރެދިގަހެއް ދަށުގައިއޮތް ބޮޑުގަލަކަށް ލައްގާފައެވެ. ވަރަށް ހިތްވަރުކޮށްލާފައި ތެދުވެގެން ތަންކޮޅަކަށް ދެވުނުތަނާ، އަނެއްކާވެސް ހޭނެތިގެން ވެއްޓިއްޖެއެވެ. އެތަން ފެނުނީ ތެލިދޮންނަން ގޮސް އުޅުނު އަންހެނަކަށެވެ. ވަގުތުން ސާރާ ނަގައިގަނެގެން އޭނާގެ ގެއަށް ގެންދިޔައެވެ. ސާރާ ހޭ އެރީ އެގޭގައި އޮއްވައެވެ. އެންމެ ފުރަތަމެސް އަހާލެވުނީ މަންމަ ކޮބައިތޯ އެވެ. ސާރާއަށް އެވަގުތު ފެނުނީ ދުވެފައި ކަހަލަ ގޮތަކަށް އެގެއަށް ވަދެގެން އައި އޭނާގެ ބައްޕައެވެ. ދުވެފައި އައި ގޮތައްއައިސް ސާރާގައިގާ އޮޅުލައިގަތުމަށްފަހުބުނީ ދަރިފުޅު އެބަހުރިންދޯއެވެ. ސާރާ އޭނާގެ ސުވާލު ބައްޕަގާތު ތަކުރާރު ކޮއްލިއެވެ. މަންމަ ކޮބައިތޯއެވެ. ބައްޕަގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. ސާރާ ކޮނޑު މައްޗަށް ލައިގެން ބޭރަށް ނުކުތްއިރު ކުރިމަތިން ފެނުނު މަންޒަރު އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
އޭނާ ކިތަންމެ ގަބޫލުކުރަންބޭނުން ނުވިޔަސް ގަބޫލުކުރަން މަޖުބޫރުވީއެވެ. ކުރިމަތިން ފަތްޖެހި އެނދަކަށް ލައިގެން އެގެން ދިޔައީ އޭނާގެ ލޯބިވާ މަންމައެވެ.އޭގެފަހަތުން ދައްތައިންގެ ފުރާނަނެތް މަސްގަނޑުތަކެވެ. ސާރާއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ.
ބައްޕަގާތު އެހުމުން ވީގޮތް އެނގުނީ ދެނެވެ. ސާރާ ވެއްޓުނުތާ އިރުކޮޅެއްފަހުން ދޯނި ބަންޑުންޖަހާލިއެވެ. ސަލާމަތްވި ފަޅުވެރިކުއްޖާއާއި ސާރާގެ ބައްޕައަށް ސަލާމަތް ވެވުނީ ސާރާ ސަލާމަތް ކުރަން މޫދަށް ފުންމާލީމައެވެ.
ފުން ޚިޔާލުގެ ތެރެއަށް ގެއްލިފައިން ސާރާ ހޭލައްވާލީ މަޣްރިބު ނަމާދުގެ ބަންގިއެވެ. އެނބުރި ގެއަށްދާން ހިނގައި ގަތީ މާޔޫސްކަމާއެކީގައެވެ.
މިއީ ގުރޭޑް 8 އޭގެ ދަރިވަރު އާމިނަތު ރާނިޔާ ލިޔެފައިވާ ވާހަކައެކެވެ
ހިތި ހަނދާން
ލިޔުން: މޫސާ ފަހީމް | ޕޯސްޓްކުރީ: Friday, June 15, 2012 11:15 PM. | ހިމެނިފައިވަނީ: ދަރިވަރުން